##siteName##


ރަމަޟާންމަހުގެ ދީވާނުގައި

Category »  ރަމަޟާންމަހުގެ މަޖިލިސްތައް
Saturday, August 28, 2010
ލިޔުއްވީ : އަޙްމަދު އަޖްމަލް ޙާމިދު

ރަމަޟާންމަހުގެ ދީވާނުގައި [1]

 

1.    ރޯނު އެދުރު

އެއްފަހަރަކު ޒުވާނަކު ޚަލީފާ މައުމޫންގެ އަރިހަށްގޮސް އޭނާއެއީ ބޮޑު ޢިލްމުވެރިއެއްކަމަށް ދަޢުވާކުރިއެވެ. އޭނާ ބުންޏެވެ. "ޙަދީޘް ޢިލްމާބެހޭގޮތުން އަޅުގަނޑާ ސުވާލުކުރައްވާށެވެ. މަނިކުފާނު ކުރައްވާ ކޮންމެ ސުވާލަކަށް އަޅުގަނޑު ޖަވާބު ދޭނަމެވެ."

އޭނާ މިހެން ބުނުމުން ޚަލީފާ މައުމޫން އޭނާކުރެން ޙަދީޘް ފޮތްތަކުގެ ވަކި ބާބެއްގެ މަޢުލޫމާތާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެޒުވާނަކަށް ޖަވާބެއް ނުދެވުނެވެ. އެމަނިކުފާނު އިތުރު ސުވާލެއް ކުރެއްވިއެވެ. މިފަހަރުވެސް އެޒުވާނާއަކަށް ޖަވާބެއް ނުދެވުނެވެ. ޚަލީފާ ކުރެއްވި އެއްވެސް ސުވާލަކަށް އެޒުވާނާއަކަށް ޖަވާބެއް ނުދެވުނެވެ. އެންމެ ފަހުން ޚަލީފާ މައުމޫން ވިދާޅުވިއެވެ.  "މިތަނަށް އައިސް ތިންދުވަހަކު އުނގެނެވުނީމާ މީނާއަށް ހީވީ ބޮޑު ޢިލްމުވެރިޔައަކަށް ވެވުނީ ހެންނެވެ. މީނާ ގެންގޮސް، މީނާ އުނގެނުން ކުރިޔަށް ގެންދިޔުމަށް ތިން ދިރުހަމް ދޭށެވެ."

 

2.     ސައި ޖޯޑު

އެއްފަހަރަކު ޖަޕާންގެ ޢިލްމުވެރިޔެއްގެ ގާތަށް ޒުވާނަކު އުނގެނުމަށް ދިޔައެވެ. އޭގެ ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ. އެއަށްފަހު އެޢިލްމުވެރިޔާ އޭގެ ދެމީހުންނަށް ސައިތައްޔާރުކުރަން ފެށިއެވެ. އޭނާ އޭނާގެ މެހެމާނުގެ ޖޯޑަށް ފުރެންދެން ސައި އެޅިއެވެ. އެފުރި ބަންޑުންވަމުންދިޔައިރުވެސް އޭނާ ސައި އެޅުން ހުއްޓައެއް ނުލިއެވެ. އެޒުވާނާ ސައި ބަންޑުންވާތަން ބަލަން އިނެވެ. އަދި އެންމެފަހުން ކެތް ނުކުރެވިގެން ބުންޏެވެ. "އެހުރީ ފުރިފައެވެ. ދެން އެއަކަށް އިތުރަކަށް ނޭޅޭނެއެވެ."

"ތިބާވެސް މިޖޯޑުފަދައެވެ. ތިބާވަނީ ތިބާގެ އަމިއްލަ ޚިޔާލުތަކާއި ފިކުރުތަކުން ފުރިފައެވެ. ތިބާ ތިބާގެ ޖޯޑު ހުސްނުކުރަނީސް އަހަރެން ތިބާގެ ޖޯޑަށް އެއްޗެއް އަޅައި، ތިބާއަށް އުނގަންނައިދޭނީ ކިހިނެއް ހެއްޔެވެ؟"

 

3.     ފަންސޫރުގެ މަޤްޞަދު

ފަންސޫރު ހަދާމީހާ ފަންސޫރު ހަދާ ނިންމާފަ ފޮއްޓަށް ލުމުގެ ކުރިން އެހަށް އެއްފަރާތެއްގައި އެބޭއްވިއެވެ.

"ތިބާ ބާޒާރަށް ނެރުމުގެ ކުރިން، އަހަރެން ތިބާއަށް އެނގެންޖެހޭ ފަސްކަމެއް ތިބާއަށް ބުނެދޭނަމެވެ." އޭނާ ފަންސުރަށް ބުންޏެވެ. "އެކަންކަން ހަނދުމަނެތިނުކޮށް އަބަދުވެސް ހަނދާން ބަހައްޓާށެވެ. އޭރުން ތިބާ ތިބާގެ ފެންވަރުން އެންމެ ރަނގަޅު ފަންސޫރަކަށް ވާނެއެވެ.

ފުރުތަމަ ކަމަކަށް، ތިބާޔަށް އެތައް މޮޅުކަމެއް ކުރެވިދާނެއެވެ. ނަމަވެސް އެއީ ތިބާ މީހެއްގެ އަތުތެރޭގައި ވުމަށް ހުއްދަ ދީފިނަމައެވެ.

ދެވަނަ ކަމަކަށް، ދޭތެރެއަކުން ތިބާޔަށް ވޭންދެނިވި ތޫނުކުރުމަކާ ކުރިމަތިލާން ޖެހިދާނެއެވެ. ނަމަވެސް ތިބާ ރަނގަޅު ފަންސޫރަކަށްވާން އެދޭނަމަ އެއީ ލާޒިމުކަމެކެވެ.

ތިންވަނަ ކަމަކަށް، ތިބާ ހަދާ ކޮންމެ ގޯހެއް ތިބާއަށް ރަނގަޅުކުރެވޭނެއެވެ.

ހަތަރުވަނަ ކަމަކަށް، ތިބާގެ އެންމެ މުހިންމު ބަޔަކީ ތިބާގެ އެތެރޭގައިވާ އެއްޗެކެވެ.

ފަސްވަނަ ކަމަކަށް، ތިބާ ބޭނުންކުރެވޭ ކޮންމެ ތަނެއްގައި ތިބާގެ އަސަރު ދޫކުރަންވާނެއެވެ. އެއީ ކޮންމެފަދަ ތަނެއްކަމުގައިވިޔަސް ތިބާ ލިޔުން ހުއްޓާލައިގެން ނުވާނެއެވެ."

ފަންސޫރު އެފޮއްޓަށްލެވުނީ އެކަންކަން ހަނދާން ކުރުމަށް ހުވައިކޮށް ހިތުގައި އޭގެ މަޤްޞަދު ބިންވަޅު ނެގުނީމައެވެ.

 

4.     އަޙްމަދު އިބްނު ޙަންބަލްއާއި ރޮށިފިހާ މީހާ

އެއްރެއަކު އަލްއިމާމް އަޙްމަދު އިބްނު ޙަންބަލް ހުންނަވާނޭ ތަނެއް ނެތިގެން މިސްކިތަކަށް ވަޑައިގަތެވެ. ނަމަވެސް މިސްކިތް ބަލަހައްޓާ މީހާ އެކަލޭގެފާނު އެރޭ މިސްކިތުގައި ހޭދަކުރުން މަނާކުރިއެވެ. އިބްނު ޙަންބަލް އެއީ އެކަލޭގެފާނުގެ ޙައްޤެއްކަމަށް ވިދާޅުވެ ވަކާލާތު ކުރެއްވިއެވެ. ނަމަވެސް މިސްކިތް ބަލަހައްޓާ މީހާ އެއަޑެއް ނޭހިއެވެ. އަދި އިބްނު ޙަންބަލް ދާމާފައި ގެންގޮސް ދޮރުން ބޭރަށް އެއްލާލިއެވެ.

 

އެކަލޭގެފާނު މަގުމަތީގައި އޮންނެވިތަން ރޮށިފިހާ މީހަކަށް ފެނުނެވެ. އޭނާ އެއީ ކޮން ބޭކަލެއްކަން ނޭނގޭ ހާލު އެކަލޭގެފާނަށް އޭނާއާ އެކު އޭނާގެ ގެޔަށް ދިޔުމަށް ދަޢުވަތު ދިނެވެ. އޭނާ އެމަތިވެރި ޢިލްމުވެރިޔާއަށް ފަރިއްކުޅުއްވާނޭ ކާނާ އަރުވައި އަވަހާރަފުޅު ލައްޕަވާނޭ ތަނެއް ދެއްކިއެވެ. އަދި އެއަށްފަހު ނުހަނު ހީވާގިކަމާއެކު އޭނާގެ މަސައްކަތަށް ރުޖޫޢަވިއެވެ.

 

އެރޮށިފިހާ މީހާ ފުއް މޮޑެ އެގުޅައަކަށް ހަދައި އަލިފާނަށް ދަރުލައި ފިހެވިފައިވާ ތާޒާ ރޮށިތައް އުނދުންމަތިން ބާލާތަން ބައްލަވަން އިބްނު ޙަންބަލް އިންނެވިއެވެ. އެނާ މިކަންކަން ކުރަމުންދިޔައިރު ދިޔައީ ހުއްޓާ ނުލާ މާތް ﷲ ޛިކުރުކުރަމުންނެވެ. އެންމެ ފަހުން ކެތް ނުކުރެއްވިގެން އިބްނު ޙަންބަލް އޭނާ ކުރެން އޭނާ އެފަދައިން ކަންކުރަނީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އޭނާ ޖަވާބުގައި ދެންނެވީ އެއީ މާތް ﷲ އޭނާގެ ހުރިހާ ދުޢާއެއް އިޖާބަ ކޮށްދެއްވީތީ ޝުކުރުވެރިވުމުގެ ގޮތުންކަމަށެވެ. ނަމަވެސް އެކަލާނގެ އޭނާގެ އެއްދުޢާ އިޖާބަ ނުކޮށްދެއްވާ ކަމަށްވެސް ދެންވިއެވެ. އިބްނު ޙަންބަލް އިޖާބާނުކުރެއްވީ ކޮން ދުޢާއެއްތޯ އެއްސެވިއެވެ. އޭނާ ދެންނެވިއެވެ. "އަލްއިމާމް އަޙްމަދު ބިން ޙަންބަލް ދުށުމަށް އަހަރެން ކުރި ދުޢާއެވެ." އެހިނދު އިބްނު ޙަންބަލްގެ ލޯފުޅު ފެންކަޅިވެގެންދިޔައެވެ. އަދި އެނާއަށް ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަކީ އަޙްމަދު އިބްނު ޙަންބަލްއެވެ. ތިމަންކަލޭގެފާނު މިސްކިތުން އެއްލާލެވުނީ ތިބާޔާ ބައްދަލުވުމަށެވެ."

 

5.     ހިމާރުގެ ބަސް

އެއްދުވަހަކު ޖުހާގެ އަވައްޓެރިއަކު އެނާ ގާތަށް އައިސް ބުންޏެވެ. "އަހަންނަށް ކަލޭގެ ހިމާރު ދީބަލާށެވެ. އަހަރެން ކުއްލި ދަތުރަކު ދާން ޖެހިއްޖެއެވެ." ޖުހާ އޭނާގެ ހިމާރު ދޭން ބޭނުންނުވާތީ ބުންޏެވެ. "އަހަރެން އުފަލާއެކު ކަލޭއަށް އެހިމާރު ދިނީމުހެވެ. ނަމަވެސް އިއްޔެ އަހަރެން އެވިއްކާލައިފީމެވެ."

 

ހަމަ އެހެން ބުނާއިރަށް ގޭގެ ފުރަގަހުގައި ހުރި އަސްކޮށީގައި އޮތް ހިމާރު ވަރަށް ބާރަށް ހޭރިގަތެވެ. އަވައްޓެރިޔާ ދިޔައީ ސިއްސައިގެނެވެ. "ނޫނެކެވެ. ކަލޭގެ ހިމާރު އޮތީ އަސްކޮށީގައެވެ." ޖުހާ ރުޅިއައިސްގެން ބުންޏެވެ. "އެ މޮޔައާއެވެ. ކަލޭ އަހަރެންގެ ބަސް ދޫކޮށްލާފައި ޤަބޫލުކުރާނީ ހިމާރެއްގެ ބަސް ހެއްޔެވެ؟"

 

6.     އޮށާއި މޭވާ

ތިބާ ވަފާތެރިކަމުގެ އޮށް އިންދައިފިނަމަ، ތިބާ އިތުބާރުގެ ގޮވާން ކަނޑާނެއެވެ.

ތިބާ ހެޔޮކޮށްހިތުމުގެ އޮށް އިންދައިފިނަމަ، ތިބާ ރަނގަޅު އެކުވެރިކަމުގެ ގޮވާން ކަނޑާނެއެވެ.

ތިބާ ހިތްވަރުގަދަކަމުގެ އޮށް އިންދައިފިނަމަ، ތިބާ ފަލާޙުގެ ގޮވާން ކަނޑާނެއެވެ.

ތިބާ ގަދައަޅާ މަސައްކަތްކުރުމުގެ އޮށް އިންދައިފިނަމަ، ތިބާ ކާމިޔާބީގެ ގޮވާން ކަނޑާނެއެވެ.

ތިބާ ކެތްތެރިކަމުގެ އޮށް އިންދައިފިނަމަ، ތިބާ ހެޔޮ ބަދަލުގެ ގޮވާން ކަނޑާނެއެވެ.

ތިބާ އީމާންތެރިކަމުގެ އޮށް އިންދައިފިނަމަ، ތިބާ ކަރާމަތްތެރިކަމުގެ ގޮވާން ކަނޑާނެއެވެ.

 

ތިބާ ޚިޔާނާތްތެރިކަމުގެ އޮށް އިންދައިފިނަމަ، ތިބާ ޝައްކާއި ވަހުމުގެ ގޮވާން ކަނޑާނެއެވެ.

ތިބާ އަމިއްލަ އެދުންވެރިކަމުގެ އޮށް އިންދައިފިނަމަ، ތިބާ އެކަނިވެރިކަމުގެ ގޮވާން ކަނޑާނެއެވެ.

ތިބާ ޙަސަދަވެރިކަމުގެ އޮށް އިންދައިފިނަމަ، ތިބާ ނުތަނަވަސްކަމުގެ ގޮވާން ކަނޑާނެއެވެ.

ތިބާ ކަންނެތްކަމުގެ އޮށް އިންދައިފިނަމަ، ތިބާ ނާކާމިޔާބީގެ ގޮވާން ކަނޑާނެއެވެ.

ތިބާ ދަހިވެތިކަމުގެ އޮށް އިންދައިފިނަމަ، ތިބާ ގެއްލުމުގެ ގޮވާން ކަނޑާނެއެވެ.

ތިބާ ފާފައިގެ އޮށް އިންދައިފިނަމަ، ތިބާ މޮޅީގެ ގޮވާން ކަނޑާނެއެވެ.

 

އެހެންވީމާ ތިބާ މިހާރު ތިއިންދާ އޮށްތަކާމެދު ސަމާލުވާށެވެ. އެއޮށްތަކުން ތިބާ މާދަމާ ކަނޑާނީ ކޮން ގޮވާމެއްތޯ ކަނޑައެޅިގެން ދާނެއެވެ. ތިއިންދި އޮށުގެ ސަބަބުން ހަޔާތް ރަނގަޅުވޭ ހެއްޔެވެ؟ ނުވަތަ ގޯސްވޭހެއްޔެވެ؟ ތިއޮށުގެ ސަބަބުން ތިބާއަށްކުރާ މަންފާއަކީ ކޮބައި ހެއްޔެވެ؟ ތިއޮށުގެ ސަބަބުން ތިބާގެ ފަހުން އަންނަން ތިބި މީހުންނަށް މަންފާ ކުރޭ ހެއްޔެވެ؟ ޝައްކެއްނެތެވެ! ކޮންމެވެސް ދުވަހަކުން ތިބާ ތިއިންދި އޮށުގެ ނަތީޖާ ދެކޭނެއެވެ. މޭވާގެ މީރު ރަހަ ބަލާނެއެވެ. ނުވަތަ ހިތި ރަހަ އަރުތެރޭގައި ލާނެއެވެ.

 

7.     ރަހުމަތްތެރިން ކުރާ އަނިޔާ

އެއްދުވަހަކު ދެއެކުވެރިއަކު ސަހަރާތެރޭ ހިނގަމުންދިޔައެވެ. އޭގެ ދެމީހުން ސަހަރާގެ އަޑިގުޑަންތައް ހުރަސްކުރަމުންދިޔައީ އޮލަ ވާހަކައިގެ ތިބެއެވެ. މިހެންގޮސް އެދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަ ހޫނުވެގެންގޮސް ބޮޑު ތަޅާފޮޅުމަކަށް ބަދަލުވެގެން ހިނގައްޖެއެވެ. އޭގެތެރެއިން އެކަކު އަނެކަކުގެ މޫނުމަތީ ޖަހައިފިއެވެ. އަނިޔާވި އެކުވެރިޔާ އޭނާގެ ރަހުމަތްތެރިޔާދެކެ ވަރަށް ގަދަޔަށް ރުޅިއައެވެ. ނަމަވެސް އޭނާ އެކަމުގެ ބަދަލެއް ނުހިފައެވެ. އޭނާ ވެލިގަނޑުގައި ދެކަކޫޖަހައި އިށީނެވެ. އަދި ވެލިގަނޑުގައި އަތުން ލިޔެލިއެވެ. މިއަދު އަހަރެންގެ އެކުވެރިޔާ އަހަރެންގެ މޫނުމަތީ ޖެހިއެވެ.

 

އޭގެ ދެއެކުވެރިން ދެން ހިނގަމުންދިޔައީ ހިމޭނުން ތިބެއެވެ. އެމީހުންނަށް ހިނގަމުންގޮސް ފެންގަނޑެއްގެ ކައިރިއަށް ދެވިއްޖެއެވެ. އޭގެ ދެމީހުން އަރާމުކޮށްލުމަށް ފެންގަނޑުކައިރި މަޑުކޮށްލިއެވެ. އަނިޔާލިބުނު އެކުވެރިޔާ ފަތާލަން ފެންގަނޑަށް އެރުނެވެ. ދެންހުރިމީހާ ކަދުރު ރުކެއްގެ ހިޔަލުގައި ޖައްސާލިއެވެ. ކަދުރު ރުކުގެ ދަށުގައި އޮތް މީހާ އެއްލި ކަޅިއަކުން އޭނާގެ އެކުވެރިޔާ ގެނބޭތަން ފެނުނެވެ. ވަގުތުން އޭނާ ތެދުވެ އެފެންގަނޑުތެރެއަށް ފުންމާލިއެވެ. އަދި އޭނާގެ އެކުވެރިޔާ ސަލާމަތްކޮށް އެއްގަމަށް އެރުވިއެވެ.

އޭނާގެ އެކުވެރިޔާއަށް ލިބިފައިވާ ސިހުން ފިލުމުން އޭނާ ހިލަގަނޑެއް ނެގިއެވެ. އަދި އޭގައި ބޮޑުއަކުރުން ކަނޑާނެދިއެވެ. މިއަދު އަހަރެންގެ އެކުވެރިޔާ އަހަރެން ސަލާމަތް ކޮށްދިނެވެ.

އޭނާގެ ގައިގައި ޖެހި އަދި އޭނާ ސަލާމަތްވެސް ކުރި އެކުވެރިޔާ އޭނާކުރެން އެހިއެވެ. "ތިބާ ކުރިން ވެލިގަނޑުގައި ލިޔެފައި މިހާރު ހިލައިގައި ތިޔަ ކަނޑާނަގަނީ ކީއްވެ ހެއްޔެވެ؟"

"ތިބާގެ އެކުވެރިއެއް ތިބާއަށް އަނިޔާއެއް ދީފިނަމަ އެވާހަކަ ލިޔަންވާނީ ވެލިގަނޑުގައެވެ. އޭރުން މާފުކުރުމުގެ ވައިރޯޅިތައް އެކަން ފޮހެލަފާނެއެވެ. ނަމަވެސް ތިބާގެ އެކުވެރިއެއް ހެޔޮކަމެއް ކޮށްދީފިނަމަ އެވާހަކަ ލިޔެ ނަގާކަނޑަންވާނީ ހިލައިގައެވެ. އޭރުން އެކަމެއް ހަނދާނެއް ނުނެތޭނެއެވެ." އޭނާގެ އެކުވެރިޔާ ޖަވާބުދިނެވެ.

 

8.     ދީލަތި ދުޝްމިން

އެއީ މީލާދީ ގޮތުން 1191 ވަނަ އަހަރުގެ އެޕްރީލްމަހު ހިނގިކަމެކެވެ. ޞަލީބީންނާއި އެމީހުންގެ ދުޝްމިނުންނާދެމެދު ކުރެވެމުންދާ ހަނގުރާމަވަނީ ވަރުގަދަވެ ހޫނުވެފައެވެ.

ޞަލީބީ އަންހެނެއްގެ ތިންމަހުގެ ކުޑަ ދަރިފުޅު އޭނާގެ ފޭލިގެއިން ވަގަށްނެގި އަޅެއްގެ ގޮތުގައި ބާޒާރުގައި ވިއްކާލެވުނެވެ. ހިތާމައިން ފުރިފައިވާ ހާލު އެއަންހެނާ ދުޝްމިނުންގެ ވެރިޔާގެ އަރިހަށް ދިޔައެވެ. އަދި އޭނާގެ ކުޑަ ދަރިފުޅަށްވީ ގޮތް ކިޔައިދިނެވެ. އެވެރިޔާ އެއަންހެނާގެ ވާހަކަ ކަނުލައި އެއްސެވުމަށްފަހު ވަގުތުން އެޅަކުއްޖާ ހޯދަން މީހުން ފޮނުއްވައިފިއެވެ. އެމަނިކުފާނު އެކުއްޖާ ހޯއްދެވުމަށްފަހު އަމިއްލަ ޖީބުން ފައިސާ ދެއްވައި އެކުއްޖާ މިނިވަންކުރެއްވިއެވެ. މިއިޝާރާތްކުރާ ވެރިޔަކީ މަޝްހޫރު އިސްލާމީ މުޖާހިދު، ކޮމާންޑަރު އަދި މުޖައްދިދު ޞަލާޙުއްދީނުލްއައްޔޫބީއެވެ.

ޞަލާޙުއްދީންގެ ގާތް އެކުވެރިއެއްކަމުގައިވާ އަލްމުއައްރިޚް ބަހާއުއްދީން، ހަމަލޮލުން ދެކެވަޑައިގެންނެވި މިހާދިސާ ކިޔެއްދެއްވައެވެ. "އެކަލޭގެފާނު އެކުއްޖާ އޭނާގެ މަންމައަށް ދިނެވެ. އެމަންމަ އެދަރިފުޅު އުރާލައި މެޔާލާ ބައްދާލިއެވެ. އޭރުވެސް އެމަންމަގެ ދެލޮލުން ކޯތާފަތްމައްޗަށް ކަރުނަތައް ފައިބަމުންދިޔައެވެ. މީހުންތައް އެތަންބަލައި ރޮއެހަދަމުން ދިޔައެވެ. އަހަރެންވެސްވީ އެމީހުންގެ ތެރެއިންނެވެ. އެއަންހެންމީހާ އެކުއްޖާއަށް އިރުކޮޅެއް ވަންދެން ގާތުންދިނެވެ. އަދި އެއަށްފަހު ޞަލާޙުއްދީން އޭނާ ސަވާރުވުމަށް އަހެއް ގެނައުމަށް އަމުރުކުރައްވިއެވެ. އެއަންހެންމީހާ އޭގައި އޭނާގެ ފޭލިގެއަށް އެނބުރިދިޔައެވެ."

 

9.     ނަގުލަންދާއްޓާއި ހަރުފަ

ޞާލިޙް މީހަކު ކިޔައިދީފައިވާ ވާހަކައެއް އިމާމް ރާޒީ ރަޙިމަހު ﷲ ލިޔުއްވާފައިވެއެވެ. އެމީހާ ކިޔައިދެއެވެ. "އެއްދުވަހަކު ހަވީރު އަހަރެން ކޯރެއްގެ އައްސޭރިގައި ހިނގަމުންދަނިކޮށް، އެއްލި ކަޅިއަކުން ނަގުލަންދާއްޓެއް ފެނިއްޖެއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެއީވެސް މާތް ﷲ ތަޢާލާ ކޮންމެވެސް ޙިކްމަތަކާއި ސަބަބަކަށްޓައި ހައްދަވާފައިވާ މަޚްލޫޤެއްކަން ޔަޤީނެވެ. އަހަންނަކަށް އެއަންނަނީ ކޮންތަނަކުން ކަމެއް ނުވަތަ އެދަނީ ކޮންތަނަކަށް ކަމެއް ނުވަތަ އޭގެ ހޮރުވީ ހިސާބެއްވެސް ނޭނގެއެވެ. އަހަރެން ނުކުތީ ހިނގާލާށެވެ. އަހަންނަށް ވަގުތު އެބައޮތެވެ. އެހެންވެ އަހަރެން އޭގެ ފަހަތުން ދިޔައީމެވެ. އެނަގުލަންދާށި ވަކި ހިސާބަކަށްގޮސް، ކޯރުގެ ގުންޑޮޅިކައިރީގައި މަޑުކޮށްލިއެވެ. އަހަރެންވެސް އެކައިރީގައި މަޑުކޮށްލައިގެން ހުރީމެވެ. އިރުކޮޅަކުން ކޯރުތެރެއިން ކަހަނބެއް ދައްކާލައިފިއެވެ. އެފަތަމުންއައީ އެނަގުލަންދާއްޓާ ދިމާލަށެވެ. ނަގުލަންދާށި އެކަހަނބުގެ ފަތް މައްޗަށް އަރައި ހަމަޖެހިލިތަން ފެނުމުން އަހަރެން ހައިރާންވީމެވެ. މިހިނގާދިޔަ އާދަޔާ ޚިލާފު ކަމުގެ ސަބަބުން އަހަރެން އެނަގުލަންދާށި އެދަނީ ކޮންތާކަށްތޯ ބަލަން އިތުރަށް ޝައުޤުވެރިވިއެވެ. އަހަރެން އެދޭތީގެ ފަހަތުން ދިޔައީމެވެ.

 

އެނަގުލަންދާށި ކޯރުގެ އަނެއް ފަރާތަށް ދެވުމާއެކު ކަހަނބުގެ ފަތްމަތިން އެއްގަމަށް ފުއްމާލިއެވެ. އަދި ހަލުވިކަމާއެކު، ވަކި މިސްރާބެއް އަދައިގެން ދާން ފަށައިފިއެވެ. އެދާ ދިމާލުގައި، ގަހެއްގެ ދޮށުގައި މީހަކު ނިދާފައި އޮތްވާ އަހަންނަށް ފެނުނެވެ. އަހަރެން ހީކުރީ އެނަގުލަންދާށި އެމީހާގެ ގައިގައި އޭގެ ބަރަފައިން[2] ދަތް އަޅާނެ ކަމަށެވެ. އެހެންވީމާ އަހަރެން އޭނާއަށް އަވަހަށް ގޮވަން ހިތަށް އެރިއެވެ. ނަމަވެސް އަހަރެން އޭނާއަށް ގޮވަން ހަރަކާތްކޮށްލިތަނާހެން، އޭނާގެ ބޯ ކޮޅުގައި އަނގަ ހުޅުވައިގެން ވިހަލާން ތައްޔާރަށް އިން ވިހަގަދަ ހަރުފައެއް ފެނުނެވެ. ކުއްލިއަކަށް އެއްކަލަ ނަގުލަންދާށި އެހަރުފައާ ދިމާކޮށްލައި އޭގެ ގަޔަށް ވަރަށް ބާރަށް ކަށި ޖެހިއެވެ. ވަގުތުން އެހަރުފަ ބިންމައްޗަށް ދެމުނެވެ.

 

އަހަރެންގެ ކުރިމަތީ މިހިނގާދިޔަ އަޖާއިބުކުރުވަނިވި ކަންކަމާހެދި އަހަރެންގެ ހިތަށް އެރިއެވެ. އެމީހާ ވާނީ ވަރަށް ޞާލިޙް މީހަކަށެވެ. އަހަރެންނަށް ދުޢާ ކޮށްދިނުމަށް އެދުމަށްޓަކައި އޭނާއާ ގާތްވެލުމުން އަހަންނަށް އޭނާ އޮތީ ރާބޮއެ މަސްތުވެފައިކަން އެނގުނެވެ. އަހަރެން ޢަޖާއިބުވީމެވެ. އިރުކޮޅަކުން އޭނާ ހޭލިއެވެ. އަދި އަހަރެން އޭނާއަށް ކަން ހިނގައިދިޔަ ގޮތް ކިޔައިދިނުމުން އޭނާގެ ހިތަށް އަސަރުކޮށް ވަޤުތުން އޭނާ ތައުބާވިއެވެ. މާތް ﷲ ގެ ރަޙްމަތްފުޅުވަނީ އެކަލާނގެ އަޅުވެރިނަންނަށް ތަނަވަސްވެގެނެވެ. އެއީ އަހަރުމެން އެކަލާނގެއަށް ރުޖޫޢަވާނަމައެވެ."

 

10.                       އަންނާރު

އިބްރާހީމް އިބްނު އަދުހަމަކީ ޒުހުދުވެރިކަމުގެ ދިރިއުޅުއްވުމަކަށްޓަކައި ރަސްކަމުގެ ތަޚުތު ދޫކޮށްލެއްވި އަޅުވެރިޔެކެވެ. އެއްފަހަރަކު އެކަލޭގެފާނު ބަގީޗާއެއް ބެލެހެއްޓެވުމަށް ހަވާލުވެލެއްވިއެވެ. އެއްދުވަހަކު ބަގީޗާގެ ވެރިޔާ އޭނާ ކާން އަންނާރެއް ގެނައުމަށް އިބްރާހީމަށް ދެންނެވިއެވެ. އިބްރާހީމް ވަޑައިގެން ދޮން އަންނާރެއް ބިންނަވާ ބަގީޗާގެ ވެރިޔާއަށް އެރުވިއެވެ. ބަގީޗާގެ ވެރިޔާ ރަހަ ބެލުމަށްފަހު އެހުތްވެގެން އެއެއް ނުކެއެވެ. އަދި އިބްރާހީމަށް އެހެން އަންނާރެއް ގެނައުމަށް ދެންނެވިއެވެ. އިބްރާހީމް އަނެއްކާވެސް ދޮންވެ ފައްކާވެފައިވާ އަންނާރެއް ގެންނެވިއެވެ. ނަމަވެސް އެއިންވެސް ދިނީ ހިތި ހުތް ރަހައެކެވެ. ބަގީޗާގެ ވެރިޔާ ރުޅިއައިސްގެން ހަޅޭއްފަޅޭއްޖަހައިގަތެވެ. "ކަލޭ މަގޭ ބަގީޗާ ބަލަހައްޓާތާ މިއޮތް ދުވަސްވީއިރުވެސް ފޮނި އަންނާރާއި ހުތް އަންނާރު ވަކިކުރާކަށް ނޭނގުނު ހެއްޔެވެ؟ މިގަސްތަކާބެހޭ އެއްކަމެއްވެސް ކަލެއަށް ނޭނގެނީ ހެއްޔެވެ؟"

 

އިބްރާހީމް އެއްވެސް ފަސްޖެހުމަކާނުލައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ޒިންމާއަކީ އެއްވެސް ހާލެއްގައި މިބަގީޗާގައި އަޅާ މޭވާ ރަހަބެލުމެއް ނޫނެވެ. ނަމަވެސް މިބަގީޗާ ބެލެހެއްޓުމެވެ. އަޅުގަނޑު އަޅުގަނޑުގެ ޒިންމާ ބަރާބަރަށް އަދާކުރަމެވެ." ބަގީޗާގެ ވެރިޔާއަށް އޭނާގެ ޚިދުމަތުގައިވާ މިމަސައްކަތުމީހާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން ފެނި އޭނާގެ އުޖޫރަ ބޮޑުކުރިއެވެ. ނަމަވެސް އުޖޫރަ ބޮޑުކުރާއިރަށް އިބްރާހީމް މަސައްކަތް ދޫކޮށްލައްވައިފިއެވެ. ބަގީޗާގެ ވެރިޔާ އެކަލޭގެފާނުގެ އަރިހުން އެކަލޭގެފާނު މަސައްކަތް ދޫކޮށްލެއްވީ ކީއްވެގެންތޯ ސުވާލު ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "މިއަދާ ހަމައަށް އަޅުގަނޑަށް އުޖޫރަ ދެއްވީ ބަގީޗާ ބެލެހެއްޓުމަށެވެ. ނަމަވެސް އަދު އަޅުގަނޑަށް އުޖޫރަ ދެއްވަން ތިއުޅުއްވަނީ އަޅުގަނޑުގެ އިޚްލާޞްތެރިކަމަށެވެ. އަޅުގަނޑު އަޅުގަނޑުގެ ތަޤްވާއަކުން ވިޔަފާރިއެއް ނުކުރާނަމަވެ."

 

11.                       ޤާޟީންގެ ޤާޟީ

ޢައްބާސީންގެ ބާރު ވަރުގަދަކުރެއްވުމުގެ މަޤްޞަދުގައި އަބޫޖަޢުފަރުލް މަންޞޫރު އެޒަމާނުގެ އެންމެ ބޮޑު ޢިލްމުވެރިޔާކަމުގައިވާ އިމާމް އަބޫޙަނީފާގެ އަރިހުން  ޤާޟީންގެ ޤާޟީ، އާދެ ދައުލަތުގެ އުއްތަމަފަނޑިޔާރަކަށް ވެވަޑައިގަތުމަށް އެދެވަޑައިގަތެވެ. މިމަޤާމަކީ އުއްމަތުގެ ޝަރުޢީ ނިޡާމުގެ ކަންކަން އިންތިޒާމުކޮށް ކޮންޓުރޯލް ކުރުމުގެ މަޤްޞަދުގައި އަލަށް އުފައްދާފައިވާ މަޤާމެކެވެ. ނަމަވެސް އަލްމަންޞޫރުގެ އަނިޔާވެރިކަން ފޮރުވުމަށް ބޭނުންކުރެވޭނެ ވަސީލަތަކަށް ވެވަޑައިގަންނަވަން ބޭނުންވެވަޑައިނުގަންނަވާތީ އިމާމް އަބޫޙަނީފާ އިންކާރުކުރެއްވިއެވެ. "މީހުންނަށް އަޅުގަނޑުމެންނަކީ ތާއިދުކުރަން އެކަށީގެންނުވާވަރުގެ ބަޔެއްކަމުގައި ދެއްކެވުމަށް ބޭނުންވެވަޑައިގަންނަވަނީތޯއެވެ؟" އަލްމަންޞޫރު އެއްސެވިއެވެ. އިމާމް އަބޫޙަނީފާ ޖަވާބުގައި ވިދާޅުވީ އެކަލޭގެފާނަކީ އެމަޤާމަށް ކުފޫ ހަމަނުވާ ބޭކަލެއްކަމުގައިވާތީ އެކަލޭގެފާނު އެމަޤާމް ޤަބޫލުކުރައްވައިގެން ނުވާނެ ކަމަށެވެ. އަލްމަންޞޫރު ވިދާޅުވިއެވެ. "ކަލޭގެފާނަކީ ދޮގުވެރިއެކެވެ." އިމާމް އަބޫޙަނީފާ ފުރުޞަތުގެ ބޭނުން ހިއްޕަވާ ވިދާޅުވިއެވެ. "އަޅުގަނޑަކީ ދޮގުވެރިއެއްކަމުގައިވާނަމަ، އަޅުގަނޑަކީ އެމަޤާމަށް އެކަށީގެންވާ މީހެއް ނޫނެވެ. އަދި އަޅުގަނޑަކީ ތެދުވެރިޔަކަށްވާނަމަ، އަޅުގަނޑު އެމަޤާމަށް އެކަށީގެންނުވާ ވާހަކަ ދަންނަވައިފީމެވެ." މިޒުވާބުން މޮޅެވެވޭނެ ގޮތެއް ފެނިވަޑައިނުގެން އަލްމަންޞޫރު އެކަލޭގެފާނު ހުރަގެޖެއްސެވިއެވެ.

 

12.                       ދެހައިވާނު

ތަންކޮޅެއް ހަރުމީހަކު އޭނާގެ ކާފަ ދަރިފުޅު އޭނާގެ އުނގަށް ލައިގެން އިނެވެ. އޭނާ އެކުއްޖާއަށް ބުންޏެވެ. "ކާފަގެ ހިތުތެރޭ ދެހައިވާނަކު ތަޅާފޮޅާހެން ކާފައަށް ހީވެއެވެ. އެތަނުން އެއްހައިވާނަކީ ދަހި، އަނިޔާވެރި  އަދި ބަދަލުހިފުމުގެ ރޫޙުގަދަ އެއްޗެކެވެ. ދެން އޮތް އެއްޗަކީ ރަޙުމްކުރަން ދަންނަ، ދީލަތި އަދި ހަރުދަނާ ޢަޤީދާއެއްގެވެރި އެއްޗެކެވެ."

 

"އޭގެ ތެރެއިން މޮޅުވާނީ ކޮން ހައިވާނެއްތޯއެވެ؟" އޭނާގެ ކާފަ ދަރިފުޅު ސުވާލުކުރިއެވެ. "ކާފަ އެއެއްޗަކަށް ކާންދިން ހައިވާނެކެވެ." ކާފަ ޖަވާބުދިނެވެ.

މިލިޔުން އެޑިޓްކޮށްދެއްވި އަލްއަޚް އަޙްމަދު ޝަމީން ދޮންމަނިކަށް ޝުކުރު ދަންނަވަމެވެ.[1]  http://www.radheef.com/bas/dIvWnc

[2]  http://www.radheef.com/bas/bwrwfwaiRADIO ATOLL (Live Stream)

 
ސުޢޫދީ ޢަރަބިއްޔާގެ ޤުރުއާން ރޭޑިއޯ

islamhouse.com

 

 

 

އެންމެ މަޤްބޫލު 10 ލިޔުން