##siteName##


ހަމައެކަނި މިއުއްމަތަށް ރޯދަމަހު ލިބިގެންވާ ޚާއްޞަ 5 ކަމެއް

Category »  ރަމަޟާންމަހުގެ ފުރަތަމަ ދިހަ
Friday, August 28, 2009
ލިޔުއްވީ : އައްޝައިޚް ނަސީމް ފަތުޙީ

 

އަދި އިމާމް އަޙްމަދު، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " أُعْطِيَتْ أمَّتِي خمسَ خِصَال في رمضانَ لم تُعْطهُنَّ أمَّةٌ من الأمَم قَبْلَها؛ خُلُوف فِم الصائِم أطيبُ عند الله من ريح المسْك، وتستغفرُ لهم الملائكةُ حَتى يُفطروا، ويُزَيِّنُ الله كلَّ يوم جَنتهُ ويقول: يُوْشِك عبادي الصالحون أن يُلْقُواْ عنهم المؤونة والأذى ويصيروا إليك، وتُصفَّد فيه مَرَدةُ الشياطين فلا يخلُصون إلى ما كانوا يخلُصون إليه في غيرهِ، ويُغْفَرُ لهم في آخر ليلة، قِيْلَ يا رسول الله أهِيَ ليلةُ القَدْرِ؟ قال: لاَ ولكنَّ العاملَ إِنما يُوَفَّى أجْرَهُ إذا قضى عَمَلَه" މާނައަކީ " ކުރީގެ އުއްމަތްތަކަށް ދެވިފައިނުވާ ފަސް ކަމެއް ރަމަޟާންމަހުގައި ތިމަންކަލޭގެފާނުގެ އުއްމަތަށް ދެވިފައިވެއެވެ. ރޯދަވެރިޔާގެ އަނގައިގެ ވަހަކީ ﷲ ގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެމީރުވަސް ގަދަވެގެން ވެއެވެ. އަދި ރޯދަ ވީއްލުމަށް ދާންދެން ރޯދަވެރިންނަށްޓަކައި ފާފަފުއްސެވުން އެދި މަލާއިކަތުން ދުޢާ ކުރެއްވައެވެ. އަދި ކޮންމެ ދުވަހަކު ﷲ ސުވަރުގެ ޒީނަތްތެރި ކުރައްވުމާއެކު ވަޙީ ކުރައްވަތެވެ. ތިމަން އިލާހުގެ ޞާލިޙު އަޅުތަކުންގެ ކިބައިން ބުރަވެތިކަމާއި އުނދަގޫތައް ފިލައިސުވަރުގެއާއި ދިމާއަށް އައުން ކާރިވެގެން ވެއެވެ. އަދި މަގުފުރެއްދުމުގައިއުޅޭ ޝައިޠާނުންތައް އެމައްސަރުގައި ކަސްތޮޅު އަޅުވާލެވެއެވެ. ދެން އެސޮރުމެން އެހެން މައްސަރުތަކުގައި ކުރަމުން އަންނަ ކަންތައްތައް ކުރުމަށް ދޫކޮށެއް ނުލެވޭނެއެވެ. އަދި ރޯދަމަހުގެ ފަހު ރޭގައި ރޯދަވެރިންގެ ފާފަ ފުއްސެވޭނެއެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ލައިލަތުލް ޤަދްރި ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ނޫނެކެވެ. އެހެނެއްކަމަކު، ކޮންމެމީހަކަށްވެސް އޭނާގެ ފުރިހަމަ އުޖޫރަދެވެނީ އޭނަގެ މަސައްކަތް ނިންމާލާ ވަގުތުގައެވެ. (އެހެންވީމާ ރޯދަވެރިންނަށްވެސް އޭގެ ފުރިހަމަ އުޖޫރައާއި ޘަވާބު ދެވޭނީ ރޯދަމަހުގެ އެންމެ ފަހު ރޭގައެވެ.) (رواه البزار والبيهقي في كتاب الثواب وإسناده ضعيف جداً، لكن لبعضه شواهد صحيحة.)

ލޮބުވެތި އަޚުންނޭވެ! މި ފަސް ކަމަކީ ތިޔަބައިމީހުންނަށްޓަކައި ﷲ ޚާއްސަގޮތެއްގައި ކުރެއްވެވި އިންތިޒާމެކެވެ. އަދި އެ 5 ކަންތައްތަކުގެ ސަބަބުން އެހެން އުއްމަތްތަކުން ތިޔަބައިމީހުން ޚާއްޞަ ކުރެއްވިއެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް އިޙްސާންތެރިވެ ވޮޑިގެންނެވިއެވެ. އެއީ އެ ކަންތައްތަކުގެ ދާއިރާއިން ތިޔަބައިމީހުންނަށްޓަކައި ނިޢުމަތްތައް ފުރިހަމަ ކޮށްދެއްވުމަށެވެ. ތިޔަބައިމީހުންނަށް ﷲ ދެއްވި ނިޢުމަތާއި، މާތްކަމުގެ ގިނަކަމާއެވެ!

* ފުރަތަމަ ކަން: ރޯދަވެރިޔާގެ އަނގައިގެ ވަސް ﷲގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށް ވުރެ މީރުވަސްކަން ގަދަވުން: މިތާނގައި ރޯދަވެރިޔާގެ އަނގައިން އަންނަ ވަހަކީ ކާއެއްޗެހިން މައިދާ ހުސްވުމުން އަނގައިގެ ވަސް ބަދަލުވުމެވެ. އެއީ މީސްތަކުންގެ ގާތުގައި ނުބައި ވަހެކެވެ. އެކަމަކު ﷲ ގެ ޙަޟްރަތުގައި މިރުވަސްކަން ގަދަ ވަހެކެވެ. އެހެނީ އެވަހަކީއަށް އަޅުކަން ކޮށް ކިޔަމަންތެރިކަން އަދާކުރުމުން އުފެދުނު ވަހެކެވެ. އަދި ﷲ އަށް އަޅުކަންކޮށް ކިޔަމަންތެރިކަން އަދާ ކުރުމުން އުފެދޭ ކޮންމެ އެއްޗަކީ ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެ އެކަމުގެ އަހުލުވެރިޔާއަށް އެއަށްވުރެ މާތްކަމާއި މަތިވެރިކަން ދެއްވާ އެއްޗެކެވެ. ﷲގެ ކަލިމަ މަތިވެރި ކުރުމުގެ ގަޞްދުގައި އެއިލާހުގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހާއަށް ނިކަން ބައްލަވާށެވެ. އެނާ ޤިޔާމަށް ދުވަހުން ﷲގެ ޙަޟްރަތަށް އަންނާނީ އެނާގެ ޒަޚަމްތަކުން ލޭ ފައިބަފައިބާ ހުންނަ ޙާލުގައެވެ. ލޭގެ ކުލަ ހުރި ކަމުގައި ވިޔަސް ވަހަކީ ގޮމަކަސްތޫރީގެ ވަހެވެ. އަދި ޙައްޖުގެ މާތް އަޅުކަމުގައި މަލާއިކަތުންނަށް ޙައްޖުވެރިންނާއި މެދު ފަޚްރުވެރިވެ ވޮޑިގަންނަވާ ޙާލު ވަޙީ ކުރައްވާނެތެވެ. رواه أحمد وابن حبَّان في صحيحه[3] (ނިކަން ތިމަން އިލާހުގެ އަޅުތަކުންނަށް ބަލާށެވެ! އެބައިމީހުން ތިމަން އިލާހުގެ ޙަޟްރަތަށް އައީ (ބޮލުގެ) އިސްތަށިގަނޑުތައް ހޭވި، ހިރަފުހާ ތަތްތެޅިފައިވާ ޙާލުގައެވެ.) رواه أحمد وابن حبَّان في صحيحه{3} އިސްތަށިގަނޑު ހޭވުމާއި ހިރަފުހުން ތަތްތެޅުން ޙައްޖުގެ އަޅުކަމުގައި ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ކަމަކަށް ވީ އިޙްރާމްގެ ސަބަބުން މަނާކަންތައްތަކާއި ޒީނަތްތެރިކަމުން ދުރުވެ އެއްކިބާވެގަތުމުންނެވެ.

* ދެވަނަ ކަން: ރޯދަވެރިންގެ ފާފަ ފުއްސެވުން އެދި ރޯދަ ވީއްލުމަށް ދާންދެން މަލާއިކަތުން ދުޢާ ކުރައްވުން: މަލާއިކަތުންނަކީ ﷲގެ ޙަޟްރަތުގައި މާތްކަމާއި މަތިވެރިކަން ލިބިގެންވާ އެއިލާހުގެ މަޚުލޫޤެކެވެ.﴿لاَّ يَعْصُونَ اللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴾ [التحرم: 6]. ފަހެ މަލާއިކަތުން ރޯދަވެރިންނަށްޓަކައި ދުޢާ ކުރެއްވުމަށް ﷲ އެންގެވުމުން މަލާއިކަތުން އެ ކުރައްވާ ދުޢާ ﷲ އިޖާބަކުރައްވާނެކަން ކަށަވަރެވެ.

މަލާއިކަތުން މިއުއްމަތުގެ ރޯދަވެރިންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާކުރެއްވުމަށް ﷲ އިޛުނަ ދެއްވީ ރޯދަވެރިންގެ ޢިއްޒަތާއި ޤަދަރުގެ މާތްކަމާއި، އެބައިމީހުންގެ ޛިކުރާގެ މަތިވެރިކަމާއި، އަދި އެބައިމީހުންގެ ރޯދައިގެ މާތްކަން ބަޔާން ކުރެއްވުމުގެ ގޮތުންކަން ކަށަވަރެވެ. ފާފަ ފުއްސެވުން އެދި ދެންނެވުމަކީ އިންސާނާގެ އެންމެ މަތިވެރި އެދުމެވެ. އަދި އިންސާނާގެ އެންމެ މާތް މަޤްޞަދެވެ. އެހެނީ އެންމެހާ އިންސާނުންނަކީ ކުށްކުރާ، އަމިއްލަ ނަފްސުގެ މައްޗަށް ޙައްދު ފަހަނަޅާފައިވާ ﷲގެ ރަޙްމަތާއި މަޣްފިރަތަށް އެދި ދަންނަވަން ޖެހިފައި ތިބިމީހުންކަން ކަށަވަރެވެ.

* ތިންވަނަ ކަން: ކޮންމެ ދުވަހަކު ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ނިޢުމަތުގެ ގޮވަތި ސުވަރުގެ ޒީނަތްތެރި ކުރައްވުން: އެއީ އެއިލާހުގެ ޞާލިޙު އަޅުތަކުންނަށްޓަކައި ތައްޔާރުކޮށް ފަސޭހަ ކުރެއްވުމަށާއި އަދި ސުވަރުގެ ލިބިގަތުމަށް އެބައިމީހުން ޝައުޤުވެރި ކުރެއްވުމަށްޓަކައެވެ. އަދި ސުވަރުގެއާ މުޚާޠަބު ކުރައްވައި ވަޙީ ކުރައްވައެވެ. "ތިމަން އިލާހުގެ ޞާލިޙު އަޅުތަކުންގެ ކިބައިން ބުރަތަކާއި އުނދަގޫތައް ފިލައި ތިބާއާއި ދިމާއަށް އައުން ގާތްވެގެން ވެއެވެ." އެބަހީ ދުނިޔޭގައި ދިމާވާ ބުރަތަކާއި ލިބޭ ލޮޑުކަމާއި އުނދަގޫތަކެވެ. އަދި އާޚިރަތުގެ ބާއްޖަވެރިކަން އޮތީ އެކަމަކަށް އެބައިމީހުން ތައްޔާރުވެ އަވަސްވެގެން ހެޔޮ ޢަމަލުތަކާއި މާތްކަމާއި ސަލާމަތްކަމުގެ ގޮވައްޗަށް ވާޞިލުވުމުގައި ކަމެވެ.

* ހަތަރުވަނަ ކަން: ނުލަފާ، މަގުފުރެއްދުމުގައި އުޅޭ ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ: ﷲ ގެ ޞާލިޙު އަޅުން ޙައްޤުގެ މަގުން އެއްކިބާކުރުމާއި އަދި ހެޔޮކަންތައްތަކުން ދުރުކުރުންފަދަ އެސޮރުމެން އެދޭ ކަންތައްތަކާ ހަމައަށް ވާޞިލު ނުވެވޭނެއެވެ. ތިމާގެ ބައިގަނޑުގެ މީހުން ނަރަކަވަންތަވެރިންނަށް ވުމަށް ގޮވާލާ ޢަދާވާތްތެރިޔާ ދުރުކޮށް ބަންދު ކުރުމަކީ ޞާލިޙު އަޅުތަކުންނަށްޓަކައި އެއިލާހުގެ ޚާއްޞަ އެހީތެރިކަމާއި މަދަދެކެވެ. އަހަރުގެ އެހެން މައްސަރުގައި ނުބައި ކަންތައްތަކުން ދުރުވެ ހެޔޮކަންތައް ކުރުމުގެ ޝައުޤުވެރިކަން ހެޔޮލަފާ ޞާލިޙު އަޅުތަކުންގެ ކިބައިގައި އިތުރުވެފައިވަނީވެސް މި ސަބަބަށްޓަކައެވެ.

* ފަސްވަނަ ކަން: ސުބްޙާނަހޫ ވަތަޢާލާ މި މައްސަރުގެ ފަހުރޭގައި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުއްމަތުގެ ފާފަ ފުއްސެވުން: މިއީ މީސްތަކުން މި މާތް މައްސަރުގައި ރޯދަހިފުމާއި ދަމުނަމާދު ކުރުމާއި އަދި ހެޔޮކަންތައް މުނާސިބު ގޮތަށް ޤާއިމުކުރުމުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އިތުރު ކަމާއި މާތްކަމުގެ ގޮތުން މީސްތަކުންގެ ޢަމަލުތައް ނިންމުމުން އެޢަމަލުތަކަށް ފުރިހަމަ އަޖުރު ލިބުމެވެ. އެހެނީ ކޮންމެމީހަކަށްވެސް އޭނާގެ ފުރިހަމަ އުޖޫރަދެވެނީ އޭނަގެ މަސައްކަތް ނިންމާލާ ވަގުތުގައެވެ.

ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންގެ މައްޗަށް ތިންގޮތަކުން މި އަޖުރު ދެއްވައި މާތްކުރައްވާފައިވެއެވެ.

* ފުރަތަމަ ގޮތް: ސުބްޙާނަހޫ ވަތަޢާލާ މީސްތަކުންނަށްޓަކައި ހެޔޮ ޢަމަލުތައް ޝަރުޢު ކުރައްވާފައިވަނީ އެބައިމީހުންގެ ފާފަ ފުއްސެވުމާއި އަދި އެބައިމީހުންގެ ދަރަޖަތައް އުފުއްލެވުމުގެ ސަބަބެއް ނުވަތަ ވަޞީލަތެއްގެ ގޮތުންނެވެ. އެހެނީ އެއިލާހު މިކަންތައްތައް ޝަރްޢު ކުރައްވާފައި ނުވާނަމަ މީސްތަކުން ﷲ އަށް އަޅުކަން ކުރަން ނުޖެހުނީސް ކަން ކަށަވަރެވެ. ފަހެ އަޅުކަމަކީ ﷲއެއިލާހުގެ ރަސޫލުންނަށް ބާވައިލެއްވި ވަޙީން މެނުވީ އެނގޭނެ އެއްޗެއްނޫނެވެ.

އަދި މިސަބަބަށްޓަކައި ﷲގެ ވަޙީ އަކާ ނުލައި އަޅުކަންތައް ޝަރުޢު ކުރާ މީހުންނަށް އިންކާރު ކުރައްވައި، އެއީ ޝިރުކުގެ ބާވަތެއް ކަމުގައި ލެއްވިއެވެ. ފަހެ އެއިލާހު ވަޙީ ކުރައްވާފައިވެއެވެ.

* ދެވަނަ ގޮތް: މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ހެޔޮ ކަންތައްތައް ދޫކޮށްގެން ތިބި ޙާލު ﷲ އެބައިމީހުންނަށް (ރޯދަ މަހުގެ ރޭތައް އިޙްޔާކުރާ މީހުންނަށް) ހެޔޮ ޢަމަލު ކުރުމުގެ ތައުފީޤް ދެއްވިއެވެ. އެހެނީ އެބައިމީހުންނަށް ﷲ ގެ އެހީތެރިކަމާއި މަދަދު އަދި އެ އިލާހުގެ ހެޔޮ ތައުފީޤް ނެތް ނަމަ އެބައިމީހުން ހެޔޮ ޢަމަލުތައް ނުކުރީހެވެ. އެކަމަށް ތައުފީޤް ދެއްވީތީ ﷲ އަށް ޘަނާ ވެއެވެ.

 

* ތިންވަނަ ގޮތް: ތަޢާލާ ހެޔޮ ޢަމަލުތަކަށް ވަރަށް ގިނަ ޘަވާބާއި އަޖްރު ދެއްވައެވެ. އެގޮތުން އެންމެ ހެޔޮ ކަމަކަށް ދިހަ ހެޔޮ ކަމުގެ ޘަވާބުން ގޮސް 700 ގުނަ އަދި އެއަށްވުރެވެސް ގިނަ ޘަވާބު ދެއްވައެވެ. ހެޔޮ ޢަމަލުތައް ކުރުމާއި އެއަށް ޘަވާބު ލިބުން އޮތީ ﷲ ގެ ފަޟްލުވަންތަ ކަމުންނެވެ.



RADIO ATOLL (Live Stream)

 
ސުޢޫދީ ޢަރަބިއްޔާގެ ޤުރުއާން ރޭޑިއޯ

islamhouse.com

 

 

 

އެންމެ މަޤްބޫލު 10 ލިޔުން