##siteName##


ރަމަޟާން މަސް ނިމުމަށްފަހު ހެޔޮކަންތައް މަތީ ދެމިހުރުމަށްޓަކައި ...

Category »  ރަމަޟާންމަހާ އަލްވަދާޢު ކިޔުން
Thursday, September 01, 2011
ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

 

ރަމަޟާން މަސް ނިމިގެން ދިޔައީއެވެ. ރަމަޟާން މަހުގެ ގިނަ ވަގުތު އަޅުގަނޑުމެން ހޭދަކުރަމުން ގެންދިޔައީ އަޅުކަންތައް އަދާ ކުރުމުގައެވެ. ޤުރުއާން ކިޔެވުމާއި ރޭ އަޅުކަމާއި ޞަދަޤާތް ކުރުމުގައެވެ. ސުންނަތް ނަމާދު ތަކާއި، މައިންބަފައިންނަށް ހެޔޮ ދުޢާ ކުރުމާއި އެމީހުންނަށް އިޙްސާންތެރި ވުމުގައެވެ. ގާތްތިމާގެ ކަމުގެ ގުޅުންތައް ބަދަހިކޮށް އާލާކުރުމުގައެވެ. ދީނީ ޢިލްމުވެރިންގެ ދަރުސްތައް އަޑު އެހުމާއި، އެފަދަ މަޖިލިސް ތަކުގައި ބައިވެރި ވުމުގައެވެ. ޖަމާޢަތުގެ ނަމާދަށް ފަރުވާތެރިވީމުއެވެ. އަދި ފަސާދަ ކުރަނިވި ޓީވީ ޗެނަލްތަކާއި ޕްރޮގްރާމްތައް ބެލުމުން އެއްކިބާވެގެން ތިބީމުއެވެ. އިމާންކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ފޮނިކަން ލިބިގަންނަމުން ގެންދިޔައީމުއެވެ. އެހެން ނަމަވެސް ....

ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔުމަށްފަހު، އަޅުކަން އަދާކުރުމުން ހިތަށް ލިބެމުން ދިޔަ ފޮނިކަމާއި އަރާމު މިހާރު ނެތިގެންދާން ފަށައިފިއެވެ. ރަމަޟާން މަހުގައި އަޅުކަން އަދާކުރުމަށް އެ ހުރި ފޯރިއެއް މިހާރަކު ނެތެވެ. އަދި ގިނަފަހަރަށް ފަތިސްނަމާދު ޖަމާޢަތުގައި ނުކުރެވެއެވެ. އަދި ރަމަޟާންމަހު އަދާކުރަމުންއައި ސުންނަތް ނަމާދުތަކާއި ޤުރުއާން ކިޔެވުމަށް މެދުކެނޑުމެއް އަތުވެއްޖެއެވެ.

ފަހެ މިކަމަށް ޙައްލެއް ނުވަތަ ބޭހެއް ވޭހެއްޔެވެ؟؟؟؟

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ!! ތިރީގައި މި ބަޔާން ކޮށްލަނީ، ރަމަޟާން މަސް ނިމުމަށްފަހު ހެޔޮކަންތައް މަތީ ދެމިހުރުމަށްޓަކައި ކުރެވިދާނެ 10 ކަމެކެވެ. އެއިގެ ސަބަބުން ، ﷲ އިރާދަ ކުރެއްވިއްޔާ، ހެޔޮ ޢަމަލުތައް ކުރުން މަތީ ދެމިތިބުމަށް އެހީތެރިވެދޭނެ 10 ކަމެކެވެ.

1-     އެންމެ ފުރަތަމަ: ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ހިދާޔަތު ދެއްވުމަށާއި އެ ހިދާޔަތުގެ މަތީގައި ޘާބިތު ކުރެއްވުން އެދި ދަންނަވާށެވެ. ޢިލްމުގެ ކަނޑަށް ފީނާފައިވާ މީހުންގެ މި ދުޢާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ ޘަނާ ވަޙީކުރައްވާފައެވެ. " رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ " މާނައީ: (( އޭ ހައްދަވައި ގެންގުޅުއްވާ އިލާހު!!! އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހު އަޅަމެންގެ ހިތްތައް އެ ތެދުމަގުން އެއްކިބާ ނުކުރައްވާނދޭވެ!!! އަދި އަޅަމެންނަށް އިބައިލާހުގެ ޙަޟްރަތުން ރަޙްމަތް ލައްވާނދޭވެ!!! ހަމަކަށަވަރުން އިބައިލާހީ (ދީލަތިކަމާއެކީ ނިޢުމަތްތައް) ދެއްވަވާ އިލާހެވެ. ))

2-      ޞާލިޙު އަޅުންނާ އެކު ބައްދަލުވެ އުޅުން ގިނަ ކުރާށެވެ. މީގައި އެންމެ މުހިއްމު އެއްކަމަކީ މިސްކިތްތަކާއި އެހެނިހެން ތަންތާނގައި ބޭއްވޭ ދީނީ ނަސޭހަތުގެ ބައްދަލުވުންތަކުގައި ބައިވެރިވުން ގިނަ ކުރުމެވެ.

3-      ޞާލިހު އަޅުންނާއި ޞަޙާބީންގެ ވާހަކަތަކާއި އެބޭކަލުންގެ ސިޔަރަތާއި ތާރީޚު ކިޔައި އުޅުން ގިނަކުރާށެވެ. އަދި މިފަދަ ވާހަކަ ހިމެނޭ ރޯލުތަކާއި ސީޑީތައް އަޑުއެހުން ގިނަކުރާށެވެ.

4-      ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރަކަށް ނަސޭހަތުގެ ބަސްކޮޅެއް އަޑުއެހާށެވެ. މިކަމަށްޓަކައި ދީނީ ދަރުސް ނުވަތަ ޚުޠުބާ ، ރޯލު ނުވަތަ ސީޑީ ތައް ބޭނުން ކޮށްގެން އަޑުއެހިދާނެއެވެ.

5-      ފަރުޟު ނަމާދުތައް އޭގެ ވަގުތުގައި މިސްކިތުގައި ޖަމާޢަތުގައި ކުރުމަށް ވަރުގަދަ ޢަޒުމަކާއެކު މަސައްކަތްކުރުން.

6-      ސުންނަތް ނަމާދުތަކަށް ފަރުވާތެރިވެ، އެ ނަމާދުތައް އަދާކުރުން. ފަހެ ﷲ ގެ ޙަޟްރަތަށް އެންމެ ލޮބުވެތިކަން ބޮޑުވެގެން ވާ ޢަމަލަކީ، މަދު ނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭ އަޅުކަމެވެ. މިސާލަކަށް ދަމުނަމާދު، އެއްރޭ 40 ރަކުޢަތް ކުރުމަށް ފަހު އަނެއް ރޭ އެއްގޮތަކަށް ނުކުރުމަށް ވުރެ، ކޮންމެ ރެއަކު ވަކި މިންވަރެއް ކަނޑައަޅައިގެން އެ ގޮތް މަތީ ދެމި ހުރުން ހެޔޮކަން ބޮޑުވެގެން ވެއެވެ.

7-      ކީރިތި ޤުރުއާން ހިތު ދަސް ކުރުމަށް މަސައްކަތް ފަށާށެވެ. އަދި މި މަސައްކަތުގައި ﷲއަށް އިޚްލާޞްތެރިވެ، އެކަން މަތީ ދެމިހުންނާށެވެ. އަދި ހިތު ދަސްވީ މިންވަރު ސުންނަތް ނަމާދުތަކުގައި ކިޔަވާށެވެ.

8-      ޛިކުރު ކުރުމާއި އަސްތަޣްފާރު ކުރުން ގިނަ ކުރާށެވެ. އެހެނީ އެއީ ކުރުމަށް ފަސޭހަ، މަންފާ ބޮޑު ކަމެކެވެ. މިގޮތުން ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި، ނަމާދުގެ ފަހުގެ ޛިކުރުތަކާއި މިފަދަ އެހެނިހެން ޛިކުރުތައް ކުރުން މަތީ ދެމި ހުންނާށެވެ.

9-      ލަވައާއި މިއުޒިކު އަޑު އެހުމާއި، ފަސާދަ ކުރަނިވި ޓީވީ ސިލްސިލާ ތަކާއި، ފަސާދައިގެ އަހުލުވެރި މަޖައްލާތަކާއި، އެތަކެތި ބެލުމަށް ލޯތައް ލަދުވެތިވާ ފޮޓޯއާއި ވީޑިއޯ ފަދަ ތަކެތި އިންޓަނެޓުން ބެލުމުންނާއި ސިގިރެޓާއި މަސްތުވާތަކެތި ބޭނުންކުރުމުން މުޅިން އެއްކޮށް ދުރުވެ ރައްކާތެރިވެގަންނާށެވެ.

10- އެންމެ ފަހުކަމަކަށް އަހުރެން، އަހުރެންގެ އަމިއްލަ ނަފްސަށާއި ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މި ވަޞިއްޔަތް ކުރަނީ؛ ތެދުވެރި ތައުބާއަކުން ﷲ އަށް ތައުބާ ވުމަށެވެ. އެއީ އޭގެ ފަހުގައި (ﷲގެ އިޛުނައާއިއެކު) ފާފަތަކުގެ މަގަށް އެނބުރި ނުދެވޭފަދަ ވަރުގަދަ ތައުބާއެކެވެ. ފަހެ ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅާ ތައުބާ ވާހިނދު އެކަމަށް ކޮޅުނެތް ކޮޅަށް ލޯބިވެ ވޮޑިގަންނަވައެވެ.

 

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ!!! ރޯދަ މަހުގައި މެނުވީ ﷲ ގެ މަތިން ހަނދާން ނުކުރާ މީހުންގެ ތެރެއިން ނުވާށެވެ. އިހުގެ ޞާލިޙު އަޅުން އެފަދަ މީހުންނާއި ބެހޭ ގޮތުން ވިދާޅުވެފައި ވެއެވެ. "ރޯދަ މަހުގައި މެނުވީ ﷲ ނުދަންނަ މީހުންގެ ނުބައި ކަމާއެވެ."

މިއަށް ވުރެ އަމާންކަމާއި، ޞިއްޙަތުގައި ކުރިއަށް އޮތް ރަމަޟާން މަހާއި ބައްދަލުކޮށްދެއްވުން އެދި ދުޢާ ކުރައްވާށެވެ. ފާއިތުވެ ދިޔަ ރަމަޟާން މަހުގެ ރޯދައާއި، އަޅުކަންތައް ޤަބޫލު ކުރެއްވުން އެދި ދުޢާ ކުރާ ޙާލުގައެވެ. ހަމަކަށަވަރުން ﷲ އީ ދުޢާ އިޖާބަކުރެއްވުމުގައި ދީލަތިވަންތަ އިލާހެވެ.RADIO ATOLL (Live Stream)

 
ސުޢޫދީ ޢަރަބިއްޔާގެ ޤުރުއާން ރޭޑިއޯ

islamhouse.com

 

 

 

އެންމެ މަޤްބޫލު 10 ލިޔުން